ދިއްފުށި ރައްޔިތުންގެ ފަރާތުން ކާށިދޫ ރައްޔިތުންނަށް ކަނޑުމަސް ހަދިޔާކޮށްފި


ކާށިދޫ މޮނިޓަރިންގ ހާލަތުގައި ގިނަ ދުވަސްތަކެއް ވެފައިވާތީ، ކާށިދޫ ރައްޔިތުންނަށް އެހީތެރި ވުމުގެ ގޮތުން ކ.ދިއްފުށީ ކައުންސިލާއި ރައްޔިތުންގެ ފަރާތުން ކާށިދޫ ރައްޔިތުންނަށް ކަނޑުމަހުގެ ދީލަތި އެހީއެއް ފޮނުވައިފިއެވެ. މިގޮތުން ކަޅުބިލަމަހާއި ގޮދާ ހިމެނޭ ގޮތުން ޖުމުލަ 5.5 ޓަނުގެ މަސް ހަދިޔާކޮށްފައި ވެއެވެ. މީގެ އިތުރުން މުއައްސަސާތަކާއި، ކުލަބު ޖަމްއިއްޔާތަކުން ކާޑުގެ ގޮތުގައި ފޮނުވި ހަނޑުލާއި، އެކި ގޭގެއިން ފޮނުވާފައިވާ އެކި ބާވަތުގެ ހަދިޔާ ފޮށިގަނޑުތައް ހިމެނޭ އެހީގެ ޝިޕްމަންޓް ހިފައިގެން ދިއްފުށި އަމާޒު ދޯނި ކާށިދޫއަށް އައީ މިއަދު ހެނދުނު 9:25 ގައެވެ. ކޮވިޑް-19 ފެތުރުމުގެ ސަބަބުން ރަށްރަށް މޮނިޓަރިންގއަށް ލެވުމަކީ މޮނިޓަރިންގއަށް ލެވޭ ރަށެއްގެ ރައްޔިތުންނަށް ދަތި އުނދަގޫ ހާލަތެކެވެ. މިފަދަ ހާލަތްތަކުގައި އެއްރަށުން އަނެއްރަށަށް ވެދެވޭ މިފަދަ އެހީތަކަކީ އެކަމުގެ ސަބަބުން ރަށްރަށުގެ މެދުގައި އަޚުވަންތަކަމުގެ ގުޅުން އާލާވެ، އެކި ކަންކަމުގައި އެކުވެރިކަމާއި އެއްބާރުލުން އިތުރު ވެގެންދާނޭ ކަމެކެވެ.
ދިއްފުށި ރައްޔިތުން މިފަދަ އެހީތެރިކަމެއް ފޯރުކޮށްދިނީތީ ކ.ކާށިދޫ ރައްޔިތުންގެ ނަމުގައި އަދި ޓާސްކްފޯސް އާއި ކާށިދޫ ކައުންސިލްގެ ފަރާތުން ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ. ﷲ ގެ މަގުގައި ކުރެވޭ މިފަދަ ހޭދަތަކުގައި ﷲ ބަރަކާތް ލައްވަވައި ހެޔޮ ސަވާބާއި ދަރުމަ މިންވަރު ކުރައްވާށިއެވެ. އާމީން!