ކާށިދޫ ކައުންސިލުން ރައީސުލް ޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމާއި ބައްދަލު ކޮށްފި

ކާށިދޫ ކައުންސިލުން ރައީސުލް ޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް އާއި ބައްދަލު ކޮށްފިއެވެ. މި ބައްދަލުވުން އޮތީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި ކާށިދޫ ކައުންސިލްގެ ހުރިހާ ކައުންސިލަރުންނާއި ކައުންސިލްގެ ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި، ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާ ކުރައްވާފައި ވެއެވެ.
މިގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ފެނާ ނަރުދަމާގެ މަސައްކަތް ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާހަގަކުރެއްވެވިއެވެ. އަދި ރަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކޮށް އަތޮޅު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާކަމުގައި އެބޭފުޅުން ފާހަގަކުރެއްވެވިއެވެ. މީގެ އިތުރުން ރަށުގައި އިތުރު ބަނދަރެއް ތަރައްޤީކުރުމަށް ބޭނުންވާކަމަށާއި، ރަށުގައި ވަޒީފާގެ ފުރުޞަތު ފަހިކޮށް ރަށުގެ އިޤްތިޞާދު ތަނަވަސްކުރުމަށް ޓުއަރިޒަމް ސިނާއަތް ފުޅާކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާ އެކަމުގައި ސަރުކާރުން އެހީތެރިވެދިނުމަށް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަރިހުގައި ދަންނަވާފައެވެ. ހަމަ އެއާއެކު ރަށުގެ ޞިއްޙީމަރުކަޒަށް އެމްބިއުލާންސެއް ބޭނުންވާކަމަށާއި، ރަށުގެ ސްކޫލަށް ކުރިމަތިވެފައިވާ މުވައްޒަފުންގެ ދަތިކަމާއި، ވަޞީލަތްތައް މަދުކަން ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން ރަށުގެ ޒުވާނުން މަސްވެރިކަމުގެ ސިނާޢަތަށް ޝައުޤުވެރިވާކަން ފާޅުކުރައްވާކަން ފާހަގަކުރައްވާ ރަށާ މާދުރުނޫން ހިސާބެއްގައި ކަނދުފައްޗެއް ބާއްވައިދިނުމަށް ކައުންސިލުން ވަނީ އެމަނިކުފާނު އަރިހުގައި ދަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކާށިދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމަށާއި، ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި އެކަމާއި ގުޅޭ އިދާރާތަކާއި އިތުރަށް ވާހަކަދެއްކެވުމަށް ވިދާޅުވެފައެވެ.